Sunday, 8 December 2013

އަޅުގަނޑު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލަމެވެ.

އަޅުގަނޑު، ޑރ. ޢައިޝަތު ޢަލީ ނާޒު، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލަމެވެ.
އަޅުގަނޑު ޢިޖްތިމާޢީ އެކި ދާއިރާތަކުގައި ފަރުދީ ފެންވަރުގައާއި، މުޖުތަމަޢުގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި މަސައްކަތްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނާއި ޕެރޯލް ބޯޑުފަދަ މުއައްސަސާތަކުގައި އަޅުގަނޑުވަނީ މެމްބަރެއްގެ މަޤާމު އަދާކޮށްފައެވެ. މިގޮތުން ލިބުނު ތަޖުރިބާގެ އަލީގައި އަޅުގަނޑުވަނީ ގޭންގް މާރާމާރީއާ ގުޅޭ ގޮތުންނާއި، ޖަލުތަކުގެ ކުށުގެ މާޙައުލުގައި ބަންދުވެފައިތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމާ ގުޅޭ ގޮތުންނާއި، އަންހެނުންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުންނާއި އަދި ކުުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން ދިރާސާތައް ކޮށް މިމައްސަލަތައް ޙައްލު ކުރެވޭނެ ގޮތުގެ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. ނަމަވެސް، މިފަދަ ގިނަ ހުށަހެޅުންތަކަށް މިއަދާ ހަމައަށް ރަގަޅު ޢަމަލީ ސިފައެއް އައިސްފައިނުވެއެވެ.
އަޅުގަނޑަށް ފެނުނުގޮތުގައި ޤައުމުގެ އިޖްތިމާޢީ ފޭރާން މިވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި ޤައުމުގެ ޒުވާން ޖީލުގެ ބޮޑު ބަޔަކަށްވަނީ މަސްތުވާތަކެއްޗާއި ކުށުގެ ހާއްޔެއްގެ ތެރެއަށް ވަދެވި އޭގެން ނިކުމެވޭނެ ގޮތެއް ނުފެނިފައެވެ.

އަޅުގަނޑު، ހެންވޭރު ދެކުނު ދާއިރާގެ މަޖިލިހުގެ ގޮނޑިއަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމަށް މިނިންމީ، މިފަދަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް މިއަދާ ހަމައަށް ކުރެވިފައިވާ މަސައްކަތުން އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ގެންނަނެ ޖެހޭ އިޞްލާޙުތަކާއި ބަދަލުތައް ގެނައުމަށް ވަކާލާތުކުރުމަށްޓަކައެވެ.

No comments: